އަންނަ އަހަރު ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމެއް ޤާއިމުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީދުވަހުގެ މުނާޞަތުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި ދިވެހި ޤައުމާ މުޚާޠަބުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގެވެ.
ދިވެހިރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެ މަނިކުފާނުގެ އިޚްލާޞްތެރި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ތަޢުލީމީ ދާއިރާއިން އަންނަ އަހަރު ފަށާނެ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވައިލަވަމުން، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް ވަސީލަތްތައް ތަރައްޤީކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީކުރުމާއި، ޖޫނިއަރ ކޮލެޖް ޤާއިމްކުރުމާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، ފަށާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ތަޢުލީމުގެ ދާއިރާއިން ސަރުކާރުން މިހާތަނަށް ފަހިކޮށްދިން ފުރުޞަތުތަކާއެކު ޙާޞިލުކުރެވުނު ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމުންނެވެ.




