ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެން: ރައީސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް ކަމަށެވެ. އަދި ޤައުމު ހަމަނުޖެހުމެއްގެ ތެރެއަށްވެސް ވައްޓާލެވިދާނެ ކަމަށާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަންވެސް ޤައުމުގައި ފަތުރާލެވިދާނެ ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަންދީގެން." ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށްގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައިކަމަށެވެ. އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރައި ހޯއްދަވައިދެއްވީ އަސާސީ ޙައްޤުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. އެއީ އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން." ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ