ބަހުރެއިންގެ ބޮޑުވަޒީރު ޚަލީފާ ބިން ސަލްމާން އާލްޚަލީފާ އުމުރުފުޅުން 84 އަހަރުފުޅުގައި މިއަދު އަވަހާރަވެއްޖެއެވެ.
ބަހުރެއިންގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭގޮތުގައި ބޮޑުވަޒީރު އަވަހާރަވެފައިވަނީ އެމެރިކާގެ މަޔޯކްލިނިކް ހޮސްޕިޓަލުގައެވެ.
ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ބަހުރެއިންގެ ރަސްގެފާން ހަމަދް ބިން އީސާ އާލްޚަލީފާވަނީ ހަފުތާއެއްގެ މުއްދަތައް ގައުމުގައި ހިތާމަ ފާޅުކުރާގޮތަށް ހަމަޖައްސަވައިފައެވެ.
ޚަލީފާ ބިން ސަލްމާން އާލްޚަލީފާ ބަހުރެއިންގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ އަތްދަށުން ބަހުރެއިން މިނިވަންވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރިތާ އެއްދުވަސްފަހުންނެވެ. އެއީ 1971 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެހެންކަމުން މުޅި ދުނިޔޭގައިވެސް ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވަނީ ޚަލީފާ ބިން ސަލްމާން އާލްޚަލީފާއެވެ.
ބަހުރެއިންއަކީ އެމެރިކާގެ އަސްކަރީ ރައްކާތެރިކަމާއި ދިފާއީ ހިމާޔަތް ފޯރުކޮށްދީފައިވާ ސައުދީ އަރަބިއްޔާގެ އަވަށްޓެރި ގައުމެކެވެ. އެމެރިކާގެ އެދުމުގެމަތިން ދާދިފަހުން އިސްރާއީލާ ގުޅުންތަށް ގާއިމްކުރި ގަލްފުގެ ދެގައުމުންކުރެ އެއްގައުމަކީވެސް ބަހުރައިންނެވެ.




