ބަހުރެއިންގެ ބޮޑުވަޒީރު ޝެއިޚު ޚަލީފާބިން ސަލްމާން އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސް މައުމޫނުގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ އެކުވެރި އިސްލާމީޤައުމެއް ކަމުގައިވާ ބަޙުރެއިންގެ ބޮޑުވަޒީރު ޝެއިޚު ޚަލީފާބިން ސަލްމާން އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ އެޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަޢުޒިޔާދަންނަވާ ކަމަށެވެ.
ބަހުރެއިންގެ ބޮޑުވަޒީރު ޝެއިޚު ޚަލީފާބިން ސަލްމާން އަވަހާރަވެފައިވަނީ އެމެރިކާގެ މަޔޯކްލިނިކް ހޮސްޕިޓަލުގައި އުމުރުފުޅުން 84 އަހަރުފުޅުގައި މިއަދުއެވެ. ބޮޑުވަޒީރު ޝެއިޚު ޚަލީފާބިން ސަލްމާން އަވަހާރަވުމާއި ގުޅިގެން އެގައުމުންވަނީ އެއް ހަފްތާގެ މުއްދަތައް މިކަމުގެ ހިތާމަފާޅުކުރުމަށް ނިންމައިފައެވެ.
ޚަލީފާ ބިން ސަލްމާން އާލްޚަލީފާ ބަހުރެއިންގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފައިވަނީ އިނގިރޭސިވިލާތުގެ އަތްދަށުން ބަހުރެއިން މިނިވަންވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރިތާ އެއްދުވަސްފަހުންނެވެ. އެއީ 1971 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެހެންކަމުން މުޅި ދުނިޔޭގައިވެސް ބޮޑުވަޒީރުކަން އެންމެ ދިގު މުއްދަތަކަށް ކުރައްވާފައިވަނީ ޚަލީފާ ބިން ސަލްމާން އާލްޚަލީފާއެވެ.



