އިންޓަރނޭޝަނަލް ޗިލްރެންސް ޕީސް ޕުރައިޒް ބަންގުލަދޭޝްގެ އުމުރުން 17 އަހަރުގެ ސަދާތް ރަހުމާން ހޯދައިފިއެވެ.
ސަދާތް ރަހުމާނަށް ޗިލްރެންސް ޕީސް ޕުރައިޒް ލިބިފައިވަނީ ސައިބާ ބުލީއާއި ދެކޮޅަށް އޭނާ ހެދި ސައިބާ ޓީންސް އެޕްލިކޭޝަންގެ ސަބަބުންނެވެ.
މި އެޕްލިކޭޝަނަކީ ސައިބާ ބުލީގެ ޝިކާރައަކަށްވާ ކުދިން އެކުދިންނަށް ކުރިމަތިވާ މިފަދަ ހާދިސާތައް ކާކުކަން ނޭންގޭ ގޮތަށް ވޮލެންޓިއަރުންގެ ޓީމަކަށް ހިއްސާ ކުރެވޭ ގޮތަށް އިންތިޒާމް ފަހިކޮށްދީފައިވާ އެޕްލިކޭޝަނެކެވެ.
ސައިބާ ޓީންސް އެޕްލިކޭޝަން ހެދުމަށް ސަދާތް ރަހުމާން ނިންމީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ކުރިމަތިވި ބުލީކުރުމުގެ ހާދިސާއަކާއި ގުޅިގެން އެކުއްޖާ އަމިއްލައަށް މަރުވި ޚަބަރު ލިބުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އިންޓަރނޭޝަނަލް ޗިލްރެންސް ޕީސް ޕުރައިޒް އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެކުދިންކުރާ މަސައްކަތުގެ އަގުވަޒަންކޮށް އަހަރަކު އެއްފަހަރުދޭ އެވޯޑެކެވެ. މީގެކުރިން މި އެވޯޑު ކާމިޔާބުކުރި މައްޝޫރު ފަރާތްތަކުގެ ތެރޭގައި ތިމާވެށީގެ ކަންކަމުގައި ވަކާލާތުކުރާ ސުވިޑިޝްގެ ތުންބާގް ހިމެނެއެވެ.



