ގދ. ވާދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އަށް މިއަދު ހަވާލުކޮށްފިއެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގެވެ. އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހެވެ.
މި މަޝްރޫޢުގެ ތެރެއިން ސާރވޭކޮށް، އީ.އައި.އޭ މަސައްކަތް ކުރުމާއި، ފެނާއި ނަރުދަމާ މަސައްކަތް ކުރުމާއި، ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓައި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އަދި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމާއި، ސްވަރޭޖް ޓްރީޓްމަންޓް ޤާއިމްކުރުމާއި، ސީއައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމްކޮށް އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
ވާދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު އެމްޑަބްލިއުއެސްސީ އާއި ހަވާލިކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުއަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕމެންޓް (އޮފިޑް) އިން 77 އިންސައްތަ އަދި ދައުލަތުގެ ބަޖެޓުން 23 އިންސައްތަ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝަރޫޢުއެކެވެ.