ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
2020 ވަނަ އަހަރު ތަސްދީޤުކުރެވުނު ފެނާއި ނަރުދަމާގެ ޤާނޫނުގައި ކުރިން އޮތް ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ދީފައިވާ 5 އަހަރުގެ މުއްދަތު މިއަހަރު ހަމަވާތީ، އެ މުއްދަތު 2027 ވަނަ އަހަރުގެ ނިޔަލަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
އައު އިސްލާހުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. އަދި ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކާއި، ފެން ތަޙްލީލުކުރާ ލެބޯޓްރީތަކުގެ ޝަރުޠުތައްވެސް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ކޮންމެ މީލާދީ އަހަރެއް ނިމުމުން ޚިދުމަތްދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ. މި ރިޕޯޓުގައި ކުރިއަށް އޮތް އަހަރުގެ ޕްލޭނާއި، ވޭތުވެދިޔަ އަހަރުގެ ޕާފޯމަންސް ރިޕޯޓު ހިމަނަންޖެހޭނެއެވެ.
މި އިސްލާހާއެކު، ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ދެވޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅާފައެވެ. އަދި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އިސްލާހަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ޝާއިޢުކުރަންޖެހޭނެއެވެ.



