ކަޅުވަކަރު މިސްކިތް އަލުން ރާވާފައި ވަނީ ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތަކީ ދިވެހި އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއް ކަމަށާއި އެ ގޮތުން ދިވެހިންގެ ޢިމާރާތްކުރުމުގެ ފަންނުވެރިކަމަށް ބެލިކަމުގައި ވީ ނަމަވެސް، މިއީ ވަރަށް މުހިންމު މިސްކިތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި ކަޅުވަކަރުން ޢިމާރާތްކޮށްފައިވާ، މިހާރު ފެންނަން ހުރި ހަމައެކަނި މިސްކިތްކަން އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން މިފަދަ ޘަޤާފީ ތަރިކައެއް ނެތިގެން ދިޔަނުދީ ރައްކާތެރިކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން އެ މިސްކިތް އަލުން ރާވާ ބަހައްޓާފައި މި ވަނީ ޤާނޫނީ ގޮތުން ވެސް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފަކަމަށާއި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ޢަމަލުކުރަން ފެށި ޘަޤާފީ ތަރިކައިގެ ޤާނޫނު ބުނާ ގޮތުން، މިފަދަ ތަންތަން ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދައުލަތާއި ރައްޔިތުންގެ ވެސް ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެސް ސަރުކާރުން މި މިސްކިތް އަލުން ރާވާ ބަހައްޓާފައި މި ވަނީ ތަރިކައަކީ އިޤްތިޞާދީ މުހިންމު ވަޞީލަތެއްގެ ގޮތުގައި ދެކިގެންކަމަށާއި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި އިޤްތިޞާދީ ދާއިރާތައް އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަމެއް އާލާކުރެވޭނެ ގޮތަކާ މެދު ވިސްނުން ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައި ދެކިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭ ކަޅުވަކަރު މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީޚީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ. މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލުކުރައްވާފައިވެއެވެ.




