ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ: ރައީސް

އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ކަމަށާއި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައިދެނީ ވެސް ދީނީ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކަޅުވަކަރު މިސްކިތާއި އެ މިސްކިތް ވަށައިގެން އޮންނަ ޕާކު ހުޅުވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ އިސްލާމްވީ ފަޚުރުވެރި މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

މިއަދު ހުޅުވައިދެއްވި މިސްކިތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ، ދިވެހިންގެ ޘަޤާފަތާއި، ފަންނުވެރިކަމާ ގުޅި ލާމެހިފައިވާ މިސްކިތެއް ކަމަށާއި އަދި އެ މިސްކިތަކީ ދިވެހި އަމިއްލަވަންތަ އެތައް ސިފަތަކެއް ޖަމާވެ ރައްކާތެރި ކުރެވިފައިވާ ތާރީޚީ ޚަޒާނާއެއް ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިތާ، އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު ފުރިހަމަކުރެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، މި މަސައްކަތުގައި އުޅުނު ދިވެހި ފަންނުވެރިންގެ ޒުވާން ޓީމަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭ ކަޅުވަކަރު މިސްކިތަކީ ދިވެހީންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލުގެ ރީތި ނަމޫނާއެކެވެ. މި މިސްކިތަކީ ދިވެހިންގެ އާސާރީ، ތާރީޚީ އަދި ބަހަވީ މުހިންމު ތަރިކައެކެވެ. މި މިސްކިތުގައި ބިންވަޅުނަގައި ތާނަ އަކުރުން ލިޔެފައިވާ ބޯގަފަތްކޮޅަކީ ރާއްޖެއިން މިހާރު ފެންނަންހުރި އެންމެ ދުވަސްވީ ތާނަ އަކުރުގެ އެއް ލިޔުމެވެ. މި މިސްކިތް އެންމެ ފުރަތަމަ ބަހައްޓާފައިވަނީ ދިވެހި ޝާހީ ގަނޑުވަރުގެ ގޯތިތެރޭގައެވެ. ނަމަވެސް އެކި ފަހަރު މަތިން، އެކި ސަބަބުތަކާ ގުޅިގެން، މި މިސްކިތް އެކި ތަންތަނަށް ބަދަލުކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ