ހާލުގައި ޖެހުނު ދޯނި 31 ނޯޓިކަލް މޭލު ބޭރުން ހޯދައިފި

ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "އުފުރިޔާ" ދޯނި ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހޯދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އިން ފުރައިގެން އައްޑޫސިޓީ އަށް ދަތުރު ކުރި 33 ފޫޓުގެ މި ދޯނި ގެއްލިގެން މިކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 17:20 ހާއިރު ކަމަށެވެ.

"މިކަމުގެ ރިޕޯރޓް ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު، މި ދޯނި ހޯދުމަށްޓަކައި ވަނީ މަސައްކަތް ފަށާފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އުން ވިދާޅުވީ، ކަނޑުގަދަވެ، މޫސުން ގޯސްވުމާއެކުގައި، މި ދޯނި ހޯދުމަށްޓަކައި މާލެ އިން ފުރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދުޢަލީ ވެސް ހަރަކާތްތެރިވަމުންދަނިކޮށް، މި ދޯނި ފެނިފައިވަނީ ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗަށް، މިރޭ 22:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވައި ކަމަަށެވެ.

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް "އުފުރިޔާ" ދޯނި ފެނުނު އިރު އޭގައި ތިން ދިވެހިން ތިބި ކަމަށާއި، އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ވިދާޅޫވިއެވެ.

"ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. އަދި މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މިވަގުތު އެފްއައިސީ "މާފަތް" ލޯންޗް ދަނީ މި ދޯނި ކައިރީ ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ދޯނި އޮތް ސަރަހައްދުން ދޯންޏަށް ފޯނުން ގުޅުމުގައި ފޯނު ރޭންޖުގެ ދަތިކަން ވަނީ ކުރިމަތިވެފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ