ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
ދިވެހި ފުލުހުން ވިދާޅުވީ، މ. ގްރީން ބިލްޑިންގ (ހައުސިންގ މިނިސްޓްރީ ހިންގާ އިމާރާތް) ގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގެ އާއްމު ޓްރެފިކް ވަނީ ބަންދުކޮށްފައެވެ.
އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އެ އިމާރާތް ވަނީ ވެއްޓިފައެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ހޯދިފައި ނުވާއިރު، މުޅި އިމާރާތަަށް އަލިފާން ފެތުރި އިމާރާތް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން އަދި ކޮންޓްރޯލް އެއް ނުކުރެވޭ ކަމަށާއި، އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގ ގަ އަލިފާން ރޯވެފައިވާ ކަމަށެވެ.
"އެއިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތް ތަކުން މިހާރު ވަނީ މީހުން ހުސްކޮށްފަ. މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިއަ ނުދިނުމަށް." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަލިފާން ކޮންޓްރޯލް ކުރުމަށް އެއަރޕޯޓުގެ ފަޔަރ ފައިޓަރސް ގެ އެހީތެރިކަން ވަނީ ލިބިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
-