ސަރުކާރަށް މުހިންމުވީ ދަރަނި ނަގައިގެން ވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ސަލާމަތުން ބޭތިއްބުން ކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔާސިރު އަބްދުލްލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އިން ރޭ ގެނެސްދިން "ދައުލަތުގެ ބަޖެޓް 2021" ޕްރޮގްރާމްގައި ރާއްޖޭގެ ދަރަނި އިތުރުވެގެން ދިޔަ ސަބަބާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ، މި ބަޖެޓުގެ މިސްރާބަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހިންގުން ކަމަށާއި މިހާލަތުގައި ދައުލަތުން ހަރަދު ކުޑަކޮށްފައި ރައްޔިތުން އަމިއްލަޔަށް ހިނގައިގަންނާށޭ ބުނެގެން ހިނގައެއް ނުގަނެވޭނެ ކަމަށެވެ.
ޔާސިރު ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓްތައް މިވަގުތު ހުއްޓާލައިފިނަމަ ރާއްޖޭގެ އެތެރޭގައި އެނބުރޭ ހުރިހާ ރުފިޔާއެއް މަދުވެގެން ދާނެ ކަމަށާއި މިވަގުތު ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓާލުމަކީ އެއްވެސް ހާލަތެއްގައި ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.
"2021 ވަނަ އަހަރާއި ހިސާބަށް އައިއިރު ދައުލަތުގެ ދަރަންޏާއި މި ބަޖެޓުގެ ދަރަންޏާ ތަފާތުވާނެ. މި ބަޖެޓްގައި 15.5 ބިލިއަން ރުފިޔާ ދަރަނި އެބައޮތް. ދަރަންޏަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫން. ގޯސްކަމަކީ ހަގީގަތުގައި ބުނާނަމަ ދަރަނިން ކުރާ ކަންތައް ނުފެނުން."
ސިއްހީ ދާއިރާއަށް މިއަހަރު މި ދިމާވީ އެއްވެސް ބޭފުޅަކު ދެކިގެން ތިބި މަންޒަރެއް ނޫން ކަމަށާއި އެހެންކަމުން ސިއްހީ ދާއިރާއަށް އިންތިހާއަށް ހަރަދު ކުރަން ޖެހުނު ކަމަށް ޔާސިރު ވިދާޅުވިއެވެ.
"މިއަަރު އަޅުގަނޑުމެން ބަޖެޓް ކުރި ގޮތަކަށް ނޫން ކަންތައްތައް މިދިޔައީ. އަޅުގަނޑުމެނަށް ރެވެނިއުއެއް ނުލިބޭ މިއަހަރު. އަޅުގަނޑުމެން އެއް އިންޑަސްޓްރީ އަކަށް ބަރޯސާވެފައި އޮތް އޮތުން. އެއީ މިއަދު ކުއްލިއަކަށް ބަދަލު ކުރެވޭނެ ކަމެއް ނޫން. 2020 ވަނަ އަހަރު ދަރަންޏަށް ނަގައިގެން ވިޔަސް ސަރުކާރަށް މުހިންމުވީ ސަރުކާރުގެ ކުންފުނިތަކުގެ މުސާރަ ހަމައަށް ދިނުން. ހަމައެއާއެކު ވަޒީފާ ގެއްލޭ ފަރާތްތަކަށް 5000 ރުފިޔާގެ އިންކަމް ސަޕޯޓް އެލަވެންސެއް ދިނުން. އެއީ އަޅުގަނޑުމެންނަށް މުހިންމުވި ކަންތައް." ޔާސިރު ވިދާޅުވިއެވެ.
އަޅުގަނޑުމެނަށް މުހިންމުވި ކަމަކީ ދަރަންޏަށް ނަގައިގެން ވިޔަސް މި ރާއްޖޭގެ ރައްޔިތުންނަށް ސިއްހަތު ސަލާމަތުން ބޭތިއްބުން ކަމަށާއި އެހެންކަމުން ދަރަނި ބޯޑުވެގެން މި ސަރުކާރުގެ ސަބަބުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.




