ދުނިޔޭގެ މިއުޒިކް ޕްލެޓްފޯމް، ސައުންޑްކްލައުޑްގައި ވެރިފައިކުރި ރާއްޖޭގެ ފުރަތަމަ ޕްރޮފައިލްއަކަށް ރާއްޖޭގެ ހިޕްހޮޕް ނުވަތަ ރެޕް މިއުޒިކަށް މަޝްހޫރު 'ސިމްބޮލިކް ރެކޯޑްސް" ވެއްޖެއެވެ.
ހިލޭ މިއުޒިކް އަޑުއަހާލެވޭ ދުނިޔޭގެ އެންމެ ބޮޑޫ ޕްލެޓްފޯމް ސައުންޑްކްލައުޑުން، އާޓިސްޓުންގެ ޕްރޮފައިލްތައް ވެރިފައިކުރަން ފަށައިފައިވަނީ މި މަހުގެ ތެރޭގައެވެ.
އެގޮތުން ސިމްބޮލިކްގެ އެކައުންޓް ވެރިފައިވެފައިވާކަން ފާހަގަކޮށް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ސައުންޑްކްލައުޑުން ޕްރޮފައިލްތައް ވެރިފައި ކުރަން ފެށިތާ އެންމެ ދެ ހަފްތާ ތެރޭގައި 'ސިމްބޮލިކް'އަށް ވެރިފައިޑް ފާހަގަ ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައުންޑްކްލައުޑްގެ ވެރިފައި ލިބުނު ޕްރޮފައިލްކަން ސިމްބޮލިކްއިން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި، ހާއްސަކޮށް ރެޕް މިއުޒިކްގެ ތެރެއިން އިންޤިލާބެއް ގެނެސްދިން ބަޔަކީ "ސިމްބޮލިކް ރެކޯޑްސް"އެވެ. އެގޮތުން ސިމްބޮލިކް އުފެދުނީއްސުރެ ތަފާތު އެތައް ކާމިޔާބު ލަވަތަކެއް ސިމްބޮލިކް އިން ވަނީ ގެނެސްދީފައެވެ.
ރާއްޖޭޣެ ރެޕްގެ ދުނިޔޭގައި އެންމެ ފުންނާބު އުސް އާޓިސްޓުން މަސައްކަތް ކުރާއިރު، ސިމްބޮލިކް އިން އަންނަނީ ރާއްޖޭގެ މިއުޒިކީ ގިނަ ރެކޯޑްސްތަކެއްވެސް މުގުރަމުންނެވެ.



