ލަވަފޮށިވެސް ސިމްބޮލިކް އާއި އެއްކޮޅަށް!

ދިވެހި އޮންލައިން ނޫސް "ދޯ އެމްވީ" ގައި ޝާއިއުކޮށްފައިވާ، "ސިމްބޮލިކުން ލަވަ ފޮށީގައި އަލީ ރަމީޒު ވައްޓާލީ މަކަރު ހަދައިގެން؟" މި ލިޔުމުގައި ލިޔެފައިވާ ވާހަކަތަކަކީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށް ލަވަފޮށި އަދި ސިމްބޮލިކް ރެކޯޑުސްއިން ބުނެފިއެވެ.

ބޮޓުތައް ބޭނުންކޮށްގެން ލަވަފޮށީގައި "ޕްލޭ ކައުންޓް" އޮޅުވާލައި މަކަރު ހެދި ކަމަށް ސިމްބޮލިކް ރިކޯޑްސް އަށް އަމާޒުވާގޮތަށް ބޮޑެތި ތުހުމަތުތަކެއްކޮށް ސުވާލުއުފައްދާ އެ މަޖައްލާގައި ލިޔެފައިވަނީ، ސިމްބޮލިކް އިން އަލީ ރަމީޒު ފަހަތަށް ޖައްސާލީ މަކަރު ހަދައިގެން ކަމަށެވެ.

މި ލިޔުން "ދޯ އެމްވީ" އިން ޝާއިއުކުރުމާއެކު، މިކަމާ ގުޅޭގޮތުން ސިމްބޮލިކް އިން ރޭ ނެރުނު ބަޔާނުގައި ވަނީ، އެމީހުންނަށް އަމާޒުވާގޮތަށް ބޮޑެތި ތުހުމަތުތަކަކާއި އެކު، ދޯ.އެމްވީ އިން އިއްޔެޝާއިޢު ކޮށްފައިވާ ލިޔުމެއްގައި އޮންލައިން ސްޓްރީމިން ޕްލެޓްފޯމް، ލަވަފޮށްޓާއި އެކު، ހެޔޮ ނިޔަތުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް ހެއްކަކާއި
ނުލައި އެތުހުމަތުތަކަށް ބާރު ލިބޭގޮތަށް ދޯ.އެމްވީއިން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އެކަމުގެ އަސްލު ހަގީގަތް ލަވަފޮށިން އާއްމުންނަށް ހާމަކޮށްދިނުމަށެވެ.

އަދި ލިޔުމުގައިވާ ދޮގު ތުހުމަތުތަކަށް ބާރުލިބޭ ގޮތަށް ލަވަފޮށިންވެސް ވާހަކަދައްކާފައިވާތީ ރޭ 12:00 ގެ ކުރިން އެކަމަށް ލަވަފޮށިން އާންމުކޮށް މާފަށް އެދުމަށް ދަންނަވާކަމަށާއި،  އަދި އެއްވެސް ސަބަބަކާއި ގުޅިގެން މިފަދައިން އަމަލު ކުރެވެން ނެތް ކަމަށްވާނަމަ، 16 އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިމްބޮލިކް ރެކޯޑްސްގެ ހުރިހާ އުފެއްދުމެއް ލަވަފޮށިން ނަގައިދިނުމަށް އެދޭކަމަށެވެ.

ސިމްބޮލިކްއިން މިހެން ބުނުމާއެކު، އެކަމާއި ގުޅިގެން ލަވަފޮށިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަކަރާއި ހީލަތް ހަދާ އޮޅުވާލުމުގެ ތުހުމަތުކުރެވޭ އެއްވެސް އާޓިސްޓަކު މިވަގުތު އެ ޕްލެޓްފޯމުގައި ނެތްކަމަށެވެ. އަދި އެއްވެސް އިރެއްގައި ސިމްބޮލިކް ރިކޯޑާއި ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއް ލަވަފޮށިން ކޮށްފައި ނުވާނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

ސިމްބޮލިކް ރެކޯޑްސްއަކީ އެ ޕްލެޓްފޯމުގެ އެންމެ ކާމިޔާބު އެއް އާޓިސްޓުންކަމަށް ލަވަފޮށިން މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ސިމްބޮލިކްގެ އާޓިސްޓުންނަށް އެހާ ބޮޑު މަޝްހޫރުކަމެއް ލިބި ކުރިއަރަމުން އަންނަނީ، އަމިއްލަ މަސައްކަތުންކަމަށް ބުނެ ލަވަފޮށިން ތައުރީފުވެސްކޮށްފައިވެއެވެ.

މީގެ އިތުރުން "ދޯ އެމްވީ" އިން ލިޔެފައިވާ ވާހަކަތައް ލަވަފޮށިން ކުއްވެރިކޮށްފައިވާއިރު، ޒިންމާދާރު ނޫސްވެރިކަން ކުރުމަށާއި، އަދި މާނަ އޮޅޭގޮތަށް ވާހަކަތައް ނުލިޔުމަށް ލަވަފޮށިން ގޮވާލާފައިވެއެވެ. އަދި މިކަމާއި ގުޅިގެން ކުރިއަށް އޮތްތާގައި އިޝްތިހާރުކުރުމުގެ ބޭނުމުގައާއި އަދި އެހެން އިތުރު އެއްވެސް ކަމެއްގައި "ދޯއެމްވީ" އާއެކު މަސައްކަތްނުކުރާނެކަމަށްވެސް ލަވަފޮށިން ބުނެފައިވެއެވެ.

ލަވަފޮށިން މި ބަޔާން ނެރުމުން، ސިމްބޮލިކް އިން ބުނީ، ހަޤީގަތް ހާމަކުރީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ސިމްބޮލިކް އިން އަބަދުވެސް މަސައްކަތް ކުރާނީ "ރަތާކަޅާ" ލަޝްކަރު ބަލައިގަންނަ އުފެއްދުންތައް ގެނެސްދޭންކަމަށް ސިމްބޮލިކް އިން ބުނެފައިވެއެވެ. މީގެ އިތުރުން، "ދޯއެމްވީ" އިން ކުރިއަށްއޮތް ތަނުގައި ޒިންމާދާރު ނޫސްވެރިކަން ކުރުމަށް ސިމްބޮލިކްއިންވެސް ގޮވާލާފައިވެއެވެ.

ލަވަ ފޮށީގެ ފައުންޑަރއާއި ހަވާލާދީ، "ދޯއެމްވީ"ގައި ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، ލަވަ އަޑުއެހުމުގެ ކައުންޓް އިތުރުކުރުމުގެ ގޮތުން "ބޮޓްސް" ބޭނުންކޮށްގެން ބައެއް އާޓިސްޓުން އެ ޕްލެޓްފޯމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށެވެ.

" "ބޮޓް" ބޭނުންކޮށްގެން ލަވަތަކަށް "ފޭކް ޕްލޭ" އިތުރުނުކުރެވޭ ގޮތަށް ލަވަފޮށިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުން ސިމްބޮލިކަށް އެމީހުންގެ ތަހުތު ކުއްލިއަކަށް ގެއްލި އެއްކަލަ "ކޮޕީ ލަވަތައް ކީ" އަލީ ރަމީޒު އަނެއްކާވެސް އެއް ވަނަ އަށް އެރުމަކީ ސިމްބޮލިކް މުގުރި އެ ހުރިހާ ރިކޯޑްތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަން ލިބޭ ހާލަތަކާއި ވެއްޓުމެކެވެ." ދޯއެމްވީ އިން ލިޔެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ