ގިނަ އަދަދެއްގެ ބޮޑުމަސް ނިއުޒިލެންޑުގެ ރަށެއް ކަމަށްވާ ޗާޓަމް އައިލެންޑްސްގެ ގޮޑުދަށަށް މަރުވެގެން ލައްގައިފިއެވެ.
ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތްކުރާ ކޮންސަވޭޝަން އޮފިސަރުން ބުނެފައިވަނީ، މިކަމުގެ މައުލޫމާތު އެމީހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހު ކަމަށާއި ބޮޑުމަސްތައް ލައްގައިފައިވާ ސަރަހައްދަށް ދިޔައިރު ބަޔެއް ބޮޑުމަސް މަރުނުވާ ކަމަށެވެ.
މުޅި ޖުމްލަ 97 ބޮޑުމަހާއި އަދި ތިން ކޯމަސް މަރުވެގެން ޗާޓަމް އައިލެންޑްސްގެ ގޮނޑުދަށަށް ލައްގައިފައިވާއިރު މިހާ ގިނަ އަދަދަށް ބޮޑުމަސް މަރުވެގެން ލައްގަން ދިމާވި ސަބަބު ނޭންގޭކަމަށް ކޮންސަވޭޝަން އޮފިސަރުން މައުލޫމާތު ދެއެވެ.
ޑިޕާޓްމެންޓް އޮފް ކޮންސަވޭޝަން (ޑީއޯސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގޮނޑުދަށަށް ލެއްގި ބޮޑުމަސްތަކުގެ ތެރެއިން26 ބޮޑުމަސް ސަލާމަތް ކުރެވިފައިވާ ކަމަށާއި މީގެތެރެއިން ގިނަ ބޮޑުމަހުގެ ހާލު ވަރަށް ދެރަކަމަށެވެ. މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަނޑު ގަދަވުމާއި އަދި މިޔަރުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށްވެސް ޑީއޯސީ އިން ބުނެފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މަރުވެގެން ލައްގައިފައިވާ ބޮޑުމަހަކީ ބޮޑުމަހުގެ ބާވަތެއް ކަމަށްވާ "ޕައިލެޓް ވޭލްސް" އެވެ. މިއީ ނިއުޒިލެންޑުގެ ކަނޑުތަކުން ގިނަ އަދަދަކަށް ފެއްނަ ބާވަތެއްގެ ބޮޑުމަހެކެވެ. މިބާވަތުގެ ބޮޑުމަސް އެންމެ ބޮޑުވާނެ ކަމަށް ރިކޯޑު ކުރެވިފައިވަނީ 20 ފޫޓަށެވެ.
ޑީއޯސީ އިން މައުލޫމާތު ދޭގޮތުގައި މީގެކުރިންވެސް ޗާޓަމް އައިލެންޑްސްގެ ގޮނޑުދަށަށް ބޮޑުމަސް މަރުވެގެން ލައްގައިފައި ވެއެވެ. މިގޮތުން 1918 ވަނަ އަހަރު 1،000 ބޮޑުމަސް ލައްގައިފައިވާ ކަމަށާއި މިއީ ނިއުޒިލެންޑުގެ ތާރީހުގައިވެސް މިހާގިނަ އަދަދަކަށް ބޮޑުމަސް ލެއްގި އަހަރުކަމަށްވެސް ޑީއޯސީ އިން މައުލޫމާތު ދެއެވެ.




