އޮސްޓްރޭލިއާގެ ބޯޑަރ ނިއުޒިލެންޑުގެ ރައްޔިތުންނަށް ހުޅުވާލަން ނިންމައިފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އޮސްޓްރޭލިއާއިން އެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ނިއުޒިލެންޑުގެ ރައްޔިތުންނަށް އޮސްޓްރޭލިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެގައުމުން ނިންމައިފިއެވެ.

މިގޮތުން މިއަންނަ ހުކުރު ދުވަހުން ފެށިގެން ނިއުޒިލެންޑުގެ ރައްޔިތުންނަށް އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް އަށާއި އަދި އުތުރުގެ ސަރަހައްދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އޮސްޓްރޭލިއާ ސަރުކާރުންވަނީ ނިންމައިފައެވެ.

އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕުރައިމް މިނިސްޓަރ މިކަން ހާމަކޮށް ބުނެފައިވަނީ، އޮސްޓްރޭލިއާ އާއި އަދި ނިއުޒިލެންޑާއި ދެމެދު ދަތުރުފަތުރު ކުރުމުގެ ކަންކަން މިހާރު ފައިނަލްކޮށް ނިމިފައިވާ ކަމަށާއި މިއީ މިކަމުގެ ފުރަތަމަ ފިޔަވަހި ކަމަށެވެ. އަދި ކުރިއަށް އޮތްތާ އޮސްޓްރޭލިއާގެ އެހެން ސަރަހައްދު ތަކަށްވެސް ކަރަންޓީން ވުމަކާއި ނުލާ ނިއުޒިލެންޑުގެ ރައްޔިތުންނަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ނިއުޒިލެންޑު ރައްޔިތުންނަށް އޮސްޓްރޭލިއާއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާއިރު އެގައުމުން އޮގަސްޓްމަހުގެ 21 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ކޭސްއެއް ފެނިފައެއް ނުވެއެވެ.

އޮސްޓްރޭލިއާއިން އެގައުމުގެ ބޯޑަރު ހުޅުވާލަން ނިންމައިފައިވާއިރު އެގައުމަށް ދަތުރުކުރެވޭނެ ގައުމުތައް ކަނޑައަޅަނީ ތިން ދުވަހުގެ ކޮވިޑް-19 އެވްރެޖް އަށް ބަލައިފައެވެ. މިގޮތުން ތިންދުވަސް ތެރޭ ކޮންމެ ދުވަހަކު ކޮވިޑް-19ގެ އާ ތިންކޭސް ނުފެއްނަނަމަ އެގައުމަކީ ކޮވިޑް-19 ފެތުރުން ހަނި ގައުމެއް ކަމުގައި އޮސްޓްރޭލިއާއިން ކަނޑައަޅައެވެ. ނަމަވެސް މިހާތަނަށް މިގޮތުގެ މަތިން އެގައުމަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ނިއުޒިލެންޑަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ