66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ: ރައީސް ޞާލިޙް

ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ދަރިވަރުންނަށް ބަޑި ހަވާލު ކުރުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ދެންނެވި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލްކުރުމުގެ ތަމްރީނުތައްކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެ ތަނުގައި ހުވާކުރި ކޮންމެ ސިފައިންގެ މީހަކީ، ދިވެހި ޢަސްކަރިއްޔާގެ ކޮންމެ ވެސް ޔުނިޓަކާ ގުޅޭނެ މީހެއްކަން ފާހަގަކުރައްވާ، އެ މީހަކު ޢަމަލީ ޚިދުމަތަށް ނުކުންނަ ދާއިރާއަކާ ގުޅޭ ގޮތުން، އިތުރަށް ތަޢުލީމު ޙާޞިލްކޮށް، ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ތަމްރީނުގެ ފުރުޞަތުތަކުގެ ބޭނުން ހިފައި، އެ މީހެއްގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވަނީ، ސިފައިންގެ ޚިދުމަތަކީ ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އެތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، އެ ތަނުން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެކަމަށާއި، ތަމްރީނު މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެކަމުގައި ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އިސްލާމީ އަޤީދާގައި ޢަމަލާއި ބަހުން ސާބިތުވެ ހުރުމުގެ ސިފައާއި، ކޮންމެ ޙާލަތެއްގައި ވެސް ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ސިފައާއި، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސިފަ ހަރުލާފައި ހުންނަން ޖެހޭނެކަމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ