އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށުމަށްފަހު، މިއަދު އަންހެނުންނަށް ބޮޑެތި އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ރައީސް ޔާމީން ދެކިލަންދިޔަ ކަނބަލުންނަށް ބާރުގެ ބޭނުންކޮށް އަނިޔާކުރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ނެރެފައިވާ ނޫސްބަޔާނުގައެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ނިންމާލުމަށްފަހު އެމަނިކުފާނު އަނބުރާ ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް އެމަނިކުފާނު ދެކިލަން ދިޔަ ކަނބަލުންގެ ތެރެއިން ތެރެއިން 3 ކަނބަލަކަށް މިއަދު ފުލުހުން ޙާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކުރުމުގެ ސަބަބުންވަނީ ބޮޑެތިތަކެއް ވެފައިވާކަމަށް މިބަޔާނުގައި ވެއެވެ.
އެކޯލިޝަނުން ބުނީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ބޯފަޅައިގެންގޮސް އަނގަމަތި ފަޅައިގެން ދިއުމާއި އެހެން ކައުންސިލް މެމްބަރެއްގެ ފައިގައި ތަޅާ އަނިޔާކޮށްފައިވުމާއި ޢުމުރުން ދުވަސްވީ ސަޕޯޓަރެއްގެ އަތްތިލަ މަށައިގެންގޮސް އުނަގަނޑަށްވެސް އަނިޔާތަކެއް ވެފައިވާކަމަށެވެ. މިއަދު މިހިންގި ލާއިންސާނީ ޢަމަލު އެކޯލިޝަނުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި، މިއަދު އެސަރަޙައްދަށް ދިޔަ ކަނބަލުންނަކީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގާ މަސްލަޙަތު ގެއްލުވާލަން މަސައްކަތްކުރި ބައެއްވެސް ނޫންކަމަށްވެސް މިބަޔާނުގައި ވެއެވެ.
"އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ 16 ދުވަސް އިއްޔެ ފާހަގަކުރަން ފެށިއިރު، މިއަދު އަންހެނުންނަށް މިފަދަ އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައި ވެއެވެ.
އަދި މިކަމުން އަންގައިދެނީ މިސަރުކާރުން ދައްކާ ވާހަކައާއި ޢަމަލު ދިމާ ނުވާކަން ހާމަވެގެންދާކަމަށްވެސް އިދިކޮޅުން ބުންޏެވެ.
މީގެއިތުރުން ބުނީ މިއަދު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިސްކޮށް ހުންނަވައިގެން ފުލުހުން ލައްވާ ހިންގަމުން މިގެންދާ ޤާނޫނާ ޚިލާފު ލާއިންސާނީ ޢަމަލުތައް ޕީޕީއެމް/ ޕީއެންސީގެ ސަރުކާރެއްގައި ވަރަށް ރަނގަޅަށް ބަލައި ތަޙްޤީޤުކުރާނެކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއާއި ފުލުހުންގެ އަގުވެއްޓޭފަދަ ގޮތަށް ޤަވައިދާ ޚިލާފަށް ޢަމަލުކުރުމަށް ފުލުހުންނަށް އަމުރުނުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އަރިހުން އެދިފައިވެއެވެ.




