ކޮވިޑް-19 އަކީ މިސަރުކާރު ދަމަހައްޓާ އަސާގަނޑުކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އިބްރާހިމް މުޙައްމަދު ޞާލިޙުގެ މިއަދު މިއޮތް ވެރިކަން ދަމަހައްޓަން ބޭނުންކުރާ އަސާގަނޑަކީ ކޮވިޑް-19 ކަމަށާއި، އެ އަސާގަނޑު ވިއްދައިގެން ނޫންގޮތަކަށް މިސަރުކާރު ދެމި ނޯންނާނެކަމަށެވެ.
އެގޮތުން އިދިކޮޅު ކޯލިޝަނަށް ނޭވާލާނެ ފުރުޞަތު ނުދިނުމުގެ ގޮތުން ކޮވިޑް-19 އޭ ކިޔައިގެން ތަފާތު އެންގުންތައް އަންގަމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެޗްޕީއޭ މެދުވެރިކޮށް ނެރެމުންމިދާ ގައިޑްލައިންތަކުގެ މައިގަނޑު މަޤްޞަދަކީ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅު ކޯލިޝަނަށް ނުދިނުންކަމަށްވެސް ވިދާޅުވިއެވެ.
އަދި އަދުރޭ ވިދާޅުވީ، ތަނެއްގައި ބަޔަކު މުޒާހަރާއެއް ކުރިއަށް ޕީޕީއެމް / ޕީއެންސީ އޮފީސް ބަންދުކުރަން ނުޖެހޭކަމަށާއި، އެޗްޕީއޭއިން ޢަމަލުކުރަމުން އެގެންދަނީ އިދިކޮޅު ކޯލިޝަންގެ ޙަރަކާތްތައް ކުރިއަށް ގެންދިޔަ ނުދޭންވެގެން ސީދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އޯޑަރަށް ކަމަށެވެ.
މީގެއިތުރުން އެޗްޕީއޭއަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އެޗްޕީއޭއަކީ އެމްޑީޕީގެ ހަރުގެއެއް ކަހަލަ ތަނެއް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި އަދި އެމްޑީޕީގެ އިސް ބޭފުޅުން ބޭނުންފުޅުވާ ގޮތްގޮތަށް ބޭނުންފުޅުވާ ވާހަކައެއް ބޭނުންފުޅުވާ ވަގުތަކު ދައްކަމުން ގެންދާތަނެއް އެޗްޕީއޭއަކީ." އަދުރޭ ވިދާޅުވިއެވެ.
އެޗްޕީއޭއިން ރައްޔިތުންގެ ލާބައާއި މަންފާއަކަށްޓަކައި މިހާރު މަސައްކަތް ނުކުރާކަމަށާއި، ކުރަމުންދަނީ ހަމައެކަނި ސިޔާސީ މަސައްކަތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.



