ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ރާއްޖެއިން ވިދާޅުވެއްޖެ

ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީ ގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އެގޮތުން މިނިވަންކަމަށް މަސައްކަތްކުރަމުންދާ ފަލަސްތީނުގެ މުސްލިމުންނަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރ ޝާހިދު ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، މިޝިޢާރުގެ ދަށުން ނީޖަރ ގެ ވެރިރަށް ނިއާމޭގައި ބޭއްވި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯ.އައި.ސީގެ މެމްބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެޖަމްޢިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ

އެގޮތުން މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ދަ ގެމްބިއާ އާއެކު ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯ.އައި.ސީ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މުޙައްމަދު ޚަލީލް އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރ އަހުމަދު ސަލްމާން ޒަކީއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ