ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދޭނީ ހުރިހާ ޤައުމެއްގެ މައްޗަށްވެސް އެ ޤާނޫނު ހަމަހަމަކަމާއެކު ހިންގިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއީ ތުރުކީގެ ދަޢުލަތުގެ މީޑިއާ އޭޖެންސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ފާޅުކުރެއްވި ޚިޔާލުފުޅެކެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ނުކުޅެދިފައިވެއެވެ. އަދި މި ޖަރީމާތައް ހުއްޓުވުމަށްޓަކައި އިސްރާއީލަށް ސިޔާސީ ޕްރެޝަރާއި ހަރުދަނާ ފިޔަވަޅުތަކުގެ ޒަރީޢާއިން ޖަވާބުދާރީ ކުރުވަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލުން ހިމެނެއެވެ.
"ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި ޕަލަސްތީނުގެ ޕާސްޕޯޓުވެސް ވާނީ ބޭންކޮށްފަ. މީގެ އިތުރުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލުމާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް ތާއީދުކުރުން ކުރިއަށް ގެންދާނަން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ރައްކާތެރިކުރުމަށް މެކޭނިޒަމްތައް ހުރި ނަމަވެސް، ބާރުގަދަ ޤައުމުތަކުން އިސްރާއީލު ސަލާމަތްކުރާއިރު، މި މެކޭނިޒަމްތައް ބަލިކަށިވެ، އިންސާފު ލަސްވަމުންދެއެވެ. އަދި ކުދި ޤައުމުތަކަށް ފަލަސްޠީނުގެ ހައްޤުގައި ވާހަކަދެއްކުމުގެ މިނިވަންކަން ލިބެނީ އެ ޤައުމުތައް ބޮޑެތި ބާރުތަކުގެ މަޞްލަޙަތުތަކަށް ބަރޯސާވެފައި ނުވާތީކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ނިންމާލެއްވީ، ޙަޤީޤީ ސިޔާދަތު މިންކުރެވޭނީ ޤައުމެއްގެ ބޮޑުމިނުން ނުވަތަ އަސްކަރީ ބާރުން ނޫން ކަމަށާއި، އެކަން މިންކުރެވޭނީ ޕްރެޝަރުގެ ދަށުގައިވެސް އަމިއްލަ ޟަމީރަށް ވަފާތެރިވުމުގައި ދެމިހުރުމުންކަމަށް ވިދާޅުވަމުންނެވެ.




