ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވި ގޮތުގައި އެމަޝްރޫޢުގެ %69 މިހާރުވަނީ ނިމިފައިއެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްކަމަށާއި، އަދި ދުއްވާ ސަރަޙައްދު ޤާއިމުކުރުމަށް ބޭނުންވާ މެޝިނަރީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 13،702 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ 26 ޖޫން 2019 ގައެވެ.




