ނުވަ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ 10 މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ހުސައިން ނިހާދު، މުޙައްމަދު ފަޔާޒް އަދި އަސްލަމް ރަހާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ލ. މާވަށު އެފްއާރްސީ އާއި ވޮލީކޯޓު، ލ. ފޮނަދޫ ފުޓްސަލް ދަނޑު، ލ. ހިތަދޫ ވޮލީކޯޓު އަދި ހއ. ވަށަފަރު ވޮލީކޯޓުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ކ. އަތޮޅުގެ ފަސް ރަށެއްގައި (މާފުށި، ތުލުސްދޫ، ދިއްފުށި، ހިންމަފުށި އަދި ހުރާ) އެފްއާރްސީ ގާއިމުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
މި މަޝްރޫއުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ހަށިހެޔޮ އާބާދީއަކަށް ހެދުމެވެ. މި މަޝްރޫއުތައް ނިމުމުން ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރަނގަޅު ވަސީލަތްތަކެއް ލިބިގެންދާނެއެވެ.