ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގައި ބައިވެރިވުމަށް 3000 އަށްވުރެ ގިނަ ފަރާތަކުން ފޯމް ހުށަހަޅައިފައިވާކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިމުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ. އަދި އޭގެތެރެއިން 2539 ފަރާތަކުން ކިޔެވުން މިހާރު ހުށަހަޅާފައިވަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އިސްނެންގެވުމުގެ މަތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން ރިސޯޓުތަކުގެ އިމާމުން ތަމްރީނުކުރުކުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދާ މިމުބާރާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙް ކޮށްދެއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ މެދު ތެރޭގައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.
މިމުބާރާތުގައ ކިޔެވުމުގެ ރެކޯޑިން ޕޯޓަލް އަށް ހުށަހަޅަން ދަތިވާ ބައިވެރިންނަށް ވައިބަރ މެދުވެރިކޮށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމުވެސް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ކިޔެވުމުގެ ވީޑިއޯ ވައިބަރ ކުރުމަށް ހަމަޖައްސާފައިވާ ނަންބަރަކީ 7321728 އެވެ.