މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވާފައެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެން، ކޮންމެ ރަށެއްގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ މަޝްރޫޢުތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ހިމެނެއެވެ. އަދި 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށް ކޮންމެ ދާއިރާއަކަށް 500 މިލިއަން ރުފިޔާ ޚަރަދުކުރައްވާނެކަން އިއުލާންކުރައްވާފައިވެއެވެ.
ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ފުނަދޫގައި ސަރުކާރުން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓްގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުމާއި، ކަނޑިތީމުގައި ބީއެމްއެލްގެ އޭޓީއެމެއް ހުޅުއްވައިދެއްވުމާއި، ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެއްޓެވުން ހިމެނެއެވެ.
މީގެއިތުރުން ރައީސް ވަނީ ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މާލީ މުއާމަލާތްތައް ކުރެވޭ ޕްލެޓްފޯމްތައް ދިވެހިންނަށް ތައާރަފުކޮށްދެއްވާނެކަމަށާއި، ރަށްރަށުގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.