މިއަހަރުގެ މިހާތަނަށް އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކާ ގާތްކޮށްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އިންޑިޔާއިން 99،379 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރި 95،326 ފަތުރުވެރިންނާ އަޅާބަލާއިރު 4.2 އިންސައްތައިގެ ކުރިއެރުމެކެވެ. އިންޑިޔާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިޔާއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އެއަހަރު އެޤައުމުން 209،193 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 282،682 ފަތުރުވެރިންނާއެކު ޗައިނާއިންނެވެ. ދެން އެންމެ ގިނައީ 211،263 ފަތުރުވެރިންނާއެކު ރަޝިޔާއިންނެވެ. އޭގެ ފަހުން އަންނަނީ އިޓަލީވިލާތް (155،832)، އިނގިރޭސިވިލާތް (151،217) އަދި ޖަރުމަނުވިލާތް (124،777) އެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް އިތުރު 5 ލައްކަ ފަތުރުވެރިން ބޭނުންވެއެވެ.