ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %70 ވަނީ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ %95 މިހާރުވަނީ ނިމިފައެވެ. އަދި ދުވާރު ހެދުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތުގެ %85 އާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ %48 ވެސްވަނީ ނިމިފައެވެ. މީގެއިތުރުން ފެންހިންދާ ނިޒާމް ޤާއިމުކުރުމަށް ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާތީ، ފެންހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.
އަދި މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.. މި މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 15 ޖޫން 2019 ގައެވެ.




