ގައުމީ މާޝަލް އާރޓް ސެންޓަރ އަދި ޓޭބަލް ޓެނިސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
މާޝަލް އާރޓް ސެންޓަރ އަދި ޓޭބަލް ޓެނިސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފެވެސް ވަނީ ބައިވެރިވެވަޑަގެންފައެވެ.
މާޝަލް އާޓްސް ދަސްކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުޅިވަރާ ބެހޭ ވުޒާރާއިން ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ބޭނުންކުރުމުގެ ފުރުސަތު ވަނީ އެއްވެސް އަގެއް ނުނަގާ ގޮތަށް މިއަހަރުގެ ނިޔަލަށް ދީފައެވެ.
މާޝަލް އާރޓް ސެންޓަރ އަދި ޓޭބަލް ޓެނިސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނާއި ކުޅުންތެރިން ބިނާކުރުމަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މިއަދަކީވެސް ވަރަށް ހާއްސަ ދުވަހެއްކަމަށެވެ.
މިއަދު މި ހުޅުވޭ ގައުމީ މާޝަލް އާޓް ސެންޓަރު ގެ އިތުރުން މާޝާލް އާޓް އެސޯސީއޭޝަންއެއް ވަރަށް އަވަހަށް ގާއިމު ކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
President @ibusolih attends inauguration ceremony of Table Tennis Hall and National Martial Arts Centre at Hulhumalé Mini Sports Complex pic.twitter.com/Z6zR8jeZel
— The President's Office (@presidencymv) December 6, 2020
ކުޅިވަރުގެ ރޮނގުން އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށާއި، ރަން ވަނަތައް ބޭނުންވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ކުޅިވަރު ތަރައްގީކުރުމުގައި ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށްދިނުން ކަމަށާއި ރާއްޖޭންނާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ކުޅުންތެރިންނަށް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ ކުޅުންތެރިން ހޯދި ފަހުރުވެރި ކާމިޔާބީގެ ވާހަކަ ދައްކަވަމުން ރައީސްވަނީ ޓޭބަލް ޓެނިސްއާއި ބެޑްމިންޓަނުން ހޯދި 4 ރަންމެޑަލްގެ ވާހަކަފުޅު ފާހަގަކުރައްވާފައެވެ.
މީގެ ކުރިން މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމާއެކު، މާޝަލް އާޓްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ މާޝިއަލް އާޓްސް ސްކޫލްތަކުން މިދިޔަ އަހަރު އިންޓަނޭޝަނަލް 3 މުބާރާތެއްގައި ވަނީ ބައިވެރިފައެވެ.




