އަމާޒަކީ އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ގައުމީ މާޝަލް އާރޓް ސެންޓަރ އަދި ޓޭބަލް ޓެނިސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ނޭޝަނަލް ޓީޓީ ސެންޓަރެއް ގާއިމުކުރުމަށް މިހާރުވަނީ ބިމެއް ކަނަޑައަޅައިފައި ކަމަށާއި އަމާޒަކީ އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުންކަމަށެވެ.
ބައިނަލްއަގުވާމީ ޓީޓީ މުބާރާތެއް ބޭއްވުމުގެ ފުރުސަތު ލިބޭތޯ ޔޫތް މިނިސްޓަރ މަހްލޫފް މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ރޮނގުން އުންމީދުތައް ހުރީ ވަރަށް އުހުގައި ކަމަށާއި، ރަން ވަނަތައް ބޭނުންވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ކުޅިވަރު ތަރައްގީކުރުމުގައި ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދީ ތަރައްގީކޮށްދިނުން ކަމަށާއި އަދި ރާއްޖޭންނާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ކުޅުންތެރިންނަށް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖޭގެ ކުޅުންތެރިން ހޯދި ފަހުރުވެރި ކާމިޔާބީގެ ވާހަކަ ދައްކަވަމުން ރައީސްވަނީ ޓޭބަލް ޓެނިސްއާއި ބެޑްމިންޓަނުން ހޯދި 4 ރަންމެޑަލްގެ ވާހަކަފުޅު ފާހަގަކުރައްވާފައެވެ.
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް މީގެ ކުރިންވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ.




