ޤަވާޢިދާ ޚިލާފަށް ރުއްގަސް ކަނޑައިގެން މަނަދޫ ކައުންސިލް ވިހިހާސް ރުފިޔާއިން ޖޫރުމަނާ ކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލު ޖޫރުމަނާކޮށްފައިވަނީ، އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި ގުޅިގެން ޖޫރިމަނާކުރުމާއި ގުޅޭ މިލަދުންމަޑުލު ދެނުކުބުރީ މަނަދޫގެ އަވަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން ކަމަށެވެ.
ޖޫރުމަނާކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރ27-R/2012) ގެ 20 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރަށް (ޤަވާއިދާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ނުކުރުން) ރިޢާޔަތްކޮށެވެ.
އެގޮތުން މަނަދޫ ކައުންސިލް ޖޫރުމަނާ ކޮށްފައިވަނީ ޖުމްލަ 20,000 (ވިހި ހާސް) ދިވެހިރުފިޔާއިންނެވެ. އެކައުންސިލް ޖޫރުމަނާ ކޮށްފައިވަނީ މިއަދުއެވެ. އަދި މިޖޫރިމަނާ ފައިސާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް މަނަދޫ ކައުންސިލަށްވަނީ އަންގާފައެވެ.




