ހއ. އިހަވަންދޫ އަދި ނ. މަނަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މި ދެ ރަށުގެ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެކުންފުންޏާއި ހަވާލުކުރީ މިއަދު މެންދުރުފަހު ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި އާރުކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރުއެވެ.
ހއ. އިހަވަންދޫ ދަނޑުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،321،105.71 ރުފިޔާއަށެވެ. އަދި ނ. މަނަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،219،130.81 ރުފިޔާއަށެވެ.
މި އެއްބަސްވުމާއެކު މަސައްކަތުގެ ސައިޓް ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެއެވެ.



