އިންކަމް ސަޕޯޓް އެލެވެންސް މިއަހަރުގެ ނިޔަލަށް ދެނީ

ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލެވެންސް މިއަހަރު ނިމެންދެން ދިނުމަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެވޭ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ މުއްދަތު މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

މި އެލަވަންސް ދިނުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ 9 އޮގަސްޓް 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގެ 11 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމުގައި ވަނީ ވިދާޅުވެފައެވެ.

އިންކަމް ސަޕޮޓް އެލެވެންސް ދިނުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުނެވެ.

މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 01 މާރިޗު 2020 ގެ ފަހުން ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކި ކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ފަރާތްތަކަށާއި ނޯޕޭ ލީވްއަށް ފޮނުވާލާފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް، އުނިކޮށްފައިވާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ 5،000 ރުފިޔާ އިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެލެވެންސްގެ ގޮތުގައި ލިބޭނެއެވެ.

އެހެން އާމްދަނީ އެއް ލިބޭ ފަރާތެއްނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދު 5،000 ރުފިޔާ އަށްވުރެ މަތިނަމަ އެ އުޞޫލުގެ ދަށުން އެލެވެންސް ނުލިބޭނެއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން މި އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ.

މިހާތަނަށް އިންކަމް ސަޕޯޓް އެލެވެންސް 11,814 މީހަކަށް ދީފައި ވާއިރު، މި އެލެވެންސް ދިނުމަށް 143.8 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ