އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަތާރަހާހަށްވުރެ ގިނަ ފަރާތަކަށް 242 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހިނގާ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 242.3 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. އެގޮތުން ޖުމްލަ މިހާތަނަށް 17,410 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަންވެސް މިތަފާސް ހިސާބުން އެނގެންއޮވެއެވެ.
އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 55,725 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.
އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ. މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. ސަރުކާރުންވަނީ އިންކަމް ސަޕޯޓް އެލަވަންސް މިއަހަރުގެ ނިޔަލަށް ދޭން ނިންމަވާފައެވެ.
ކޮވިޑް-19 ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.
އެގޮތުން އިންކަމް ސަޕޯޓް އެލެވެންސްގެ ގޮތުގައި އެ ފަރާތްތަކަށް 5،000 ރުފިޔާއާއި ހަމަޔަށް މާލީ އެހީތެރިކަން ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. މި އެލަވަންސަށް ކުރިމަތިލައްވާ ފަތާތްތަކުން 01 ޑިސެމްބަރ 2019 އާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމުގައި ޝަރުތުހަމަވާން ޖެހެއެވެ.
މި އެލަވަންސް އަށް ކުރިމަތިލައްވާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރައްވާށެވެ. ޖޮބްސެންޓަރުގައި އެޕްލިކޭޝަން ހުށަހެޅުއްވުމަށް، އެ ޕޯޓަލް އަށް ވަނުމަށް "އީފާސް" އެކައުންޓެއް ހައްދަވަން ޖެހިވަޑައިގަންނަވާނެއެވެ.




