ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދި ހެނދުނު މި އެކްސިޑެންޓު ހިނގާފައިވަނީ "ކްރޮސްރޯޑްސް މޯލްޑިވްސް" ގެ ލޯންޗަކާއި މުދާ އުފުލާ ދޯންޏެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ލޯންޗުގެ ކުރީކޮޅުން ބޮޑު ބައެއް ހަލާކުވެފައިވާއިރު، ދޯނީގައި ޖެހުނުތަނުން ދޯނިވެސް ވަނީ ހަލާކުވެފައެވެ.

މި ނޫހަށް ލިބިފައިވާ ފޯޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުގައި ދޯނީގެ ދިރުނބާ ކޮޅުން ބައެއް ހަލާކުވެ ދޯނި ވަނީ ދިޔަވެފައެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގީ ވިލިނގިލީ ކައިރިން ވާދޫ ކަނޑުއޮޅިން ދުއްވާފައިދިޔަ ލޯންޗަކާއި ދޯންޏެއް ޖެހިގެން ކަމަށާއި، އެކްސިޑެންޓް ހިނގި ވަގުތު ދޯނީގައި އަދި ލޯންޗުގައިވެސް 3 މީހުން ތިބިކަމަށެވެ.
ދެ އުޅަނދުވެސް ދުއްވާފައިވަނީ ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށާއި، މި ހާދިސާގައި ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލުންވި ދޯނި ކަފުޖަހައިގެން ވިލިމާލެ ފަޅަށް ވައްދަން އުޅުމުގެ ތެރޭގައި ވިލިމާލެ ނެރުމައްޗަށް އަޑިއަށް ގޮސްފައިވާއިރު، އެ ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



