ތިން މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ބަންޑުން ޖަހާލާފައިވަނީ ދިވެއްސަކާއި ދެ ބިދޭސީންނާއެކު ދަތުރުކުރަމުންދިޔަ "ރާޔާ" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ކަމަށެވެ.
ރާޔާ ދޯނި ބަންޑުންޖަހާލާފައިވަނީ، ރޭ ފަތިހު 04:30 ހާއިރު ކ.ތިލަފުށިން ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް، މިއަދު ހެނދުނު 10:30 ހާއިރު ފިހާޅޮހި ރިސޯޓާއި ގާތްގަނޑަކަށް 6.5 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 02:48 ހާއިރު ކަމަށާއި، ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފްއިިން ވިދާޅުވިއެވެ.
"ހާދިސާ ހިނގި ސަރަހައްދުން ދިޔަ "ދިރުން" ނަމަކަށް ކިޔާ ދޯނީގެ އެހީތެރިކަމާއެކު ބަންޑުންޖަހާލި "ރާޔާ" ދޯނީގެ ފަޅުވެރިން ސަލާމަތްކޮށް ކޯސްޓްގާޑްގެ ހާބަރކްރާފްޓްގައި ހުޅުމާލެއަށް ވަނީ ގެނެސްފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކަނޑުގަދަވުމުގެ ސަބަބުން 89 ފޫޓްގެ ރާޔާ ދޯނި ބަންޑުންޖަހާލިއިރު، ށ.ކަނޑިތީމުން ފުރައިގެން މާލެ ދަތުރުކުރި ގަލްފްކްރާފްޓް ޓުއަރިންގ 48 މަރުކާގެ "ފްލައިން ފިޝް 16" ލޯންޗުގެ ބިއްލޫރިގަނޑެއް ތަޅައިގެންގޮސް އެ ލޯންޗުގެ ފަޅުވެރިޔަކުވެސް ވަނީ ޒަހަމްވެފައެވެ.




