ޖޯޝާ ފޯރީގައި ނައިފަރު އަންހެނުން މަހަށް!

މަސްވެރިންގެ ދުވަހާ ދިމާކޮށް ޅ. ނައިފަރުގެ އަންހެން ކަނބަލުން ޖޯޝާއި ފޯރީގައި މަހަށް ފުރައިފިއެވެ.

މާދަމާ ފާހަގަކުރާ ރާއްޖޭގެ މަސްވެރިންގެ ދުވަހާ ދިމާކޮށް، "ފިޝަމަންސް އެސޯސިއޭޝަން އޮފް ނައިފަރު"ގެ ފަރާތުން އިންތިޒާމްކުރި މި ދަތުރުގައި ނައިފަރުގެ 80 އަންހެނަކު، ހަ ދޯންޏެއްގައި މިއަދު ވަނީ މަހަށް ފުރައިފައެވެ. އަދި މިދޯނިފަހަރު މަސް ބައިގެން އެނބުރި ރަށަށް ލަފާނީ މާދަމާ ހަވީރު އެވެ.

ނައިފަރު ފިޝަމަންސް އެސޯސިއޭޝަންގެ ރައީސް ފަރުހާދު މުހައްމަދު އާއި ހަވާލާދީ އޮންލައިން ނޫސް "އަދިވެސް" ގައި ރިޕޯޓްކޮއްފައިވާ ގޮތުގައި މިދޯނިފަހަރުގެ ފަޅުވެރިން ނުހިމަނާ ޖުމްލަ 80 އަންހެނުން މަހަށް މިއަދު މަހަށް ގޮސްފައިވާ ކަމަށާއި، އުމުރުން 18 އަހަރުން ފެށިގެން 60 އަހަރާ ދެމެދުގެ އަންހެނުން ހިމެނޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި މަހަށް ގޮސް، މަސްވެރިން ކުރާ ހުރިހާ މަރުހަލާއެއްގެ ތަޖުރިބާ އެ މީހުން ކުރާނެ ކަމަށައި މިރޭ އެންމެ ފުރަތަމަ އެން ހިފާނީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެން ހިފައިގެން ފަތިހު ކަނޑަށް ނުކުންނާނެ ކަމަށާއި ދޯނިފަހަރު ދުއްވުމާ ގުޅޭ ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއްގައި އިސްކޮށް ހަރަކާތްތެރިވާނީ އަންހެނުން ކަމަށެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ނައިފަރުގައި އާންމުކޮށް ހުޅުވާލައިގެން މީހުން ބައިވެރިކުރި މި މަސްދަތުރުގައި އެންމެ ބޮޑު މަސް ބޭނި ދޯންޏެއް ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
41
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ