އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫއަށާއި ހުވަދުއަތޮޅަށް ފަށާ ކާގޯ ދަތުރުތަކުގެ ފުރަތަމަ ބޯޓު ހިތަދޫގައި ބަނދަރުކޮށްފިއެވެ.
މި ބޯޓު އައްޑޫ ސިޓީއަށް އައިސްފައިވަނީ މިއަދު ހަވީރު 4:15 އެހާކެއް ހާއިރުއެވެ. "އެމްވީ ބޮންތި 2" އައްޑޫ އަށް ބަނދަރުކުރުމާ ގުޅިގެން މިއަދު ހަވީރު ހިތަދޫ ޕޯޓު ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. މިބޯޓު އިންޑިއާއިން ފުރާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި މިދަތުރުގައި 2713.34 މެޓްރިކް ޓަނުގެ މުދާ ރާއްޖެ ގެނެސްފައިވާކަމަށް މޯލްޑިވްސް ޝިޕިންގް އިންވަނީ ބުނެފައެވެ.
އައްޑޫ އަށްފަހު ދެން މި ކާގޯ ފެރީ ދަތުރުކުރާނީ ގދ. ތިނަދޫ އަށެވެ. މި ކާގޯ ފެރީން ކޮންމެ 20 ދުވަހަކުން ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގައެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ. އެގޮތުން ފުރަތަމަ ދަތުރު ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާވަނީ ރާއްޖެ ގެނެސްފައިވެއެވެ.
https://feshun.wonstasite.com/92231



