އައްޑޫ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫޢާ ގުޅޭ ސާވޭތައް ކުރުމާއި، ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އިތުރުން ޑީޓެއިލް ޑިޒައިންގެ މަސައްކަތް ޗައިނާގެ ތަޖުރިބާކާރު ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ މަސައްކަތްތައް ކުރިއަށްގެންދާ ތަޖުރިބާ ހުރި ކުންފުންޏެއްކަމަށްވާ ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝީއޯހޫއެވެ. މި އެއްބަސްވުމުގެ ދަށުން ބްރިޖް މަޝްރޫޢާ ގުޅޭ ސާވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ކުރިއަށްދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ކޮންސަލްޓަންޓަކާ މި މަސައްކަތް ހަވާލުކުރެވުނީ ހިތަދޫ ހުޅުމީދޫ ގުޅާލުމަކީ އައްޑޫ ސިޓީއަށް އެންމެ އެކަށޭނަ މަސައްކަތެއްތޯ ބެލުމަށް ސާވޭ ކުރުމާއި، އެންމެ އެކަށީގެންވާ ދަތުރުފަތުރުގެ ކޮންސެޕްޓަކީ ކޯބައިތޯ ބެލުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި އެކަމަށް ހިނގާނެ ޚަރަދުތަކުގެ އިތުރަށް ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ދަތުރުފަތުރުގެ ތަފާތު ނިޒާމުތަކަށް ސަރވޭކުރާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާއެކު ކުރިއަށްގެންދާނީ. ބަލާނަން އެކި އޮޕްޝަންތައް. ފްލޯޓިން ބްރިޖެއް އަޅާނީތޯ، އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ. އިޤްތިޞާދީގޮތުން އަދި ޓެކްނިކަލްގޮތުން އެންމެ ފައިދާހުރި ގޮތެއް ބަލާފައި ސަރުކާރުން ދެން ގޮތެއް ނިންނާމީ. އެހާހިސާބުން ޓެންޑަރިންއަށް ގެންދާނީ." މިގޮތަށް ދިރާސާތައް ހެދި، ޑިޓެއިލް ކުރެހުންތައް ތައްޔާރުކުރެވުމާއެކު ފައިނޭންސް އަދި ކޮންޓްރެކްޓް ކުރާނެ ފަރާތެއް ހަމަޖެއްސުމަށް ބޮޑު ފަސޭހައަކަށްވާނެކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކުންފުންޏެއް ހަމަޖެހޭހާ އަވަހަށް ޢަމަލީ މަސައްކަތް ފަށައިގަންނަން ފަސޭހަވާނެކަމަށެވެ.
މި މަސައްކަތުގެ ކޮންސަލްޓަންސީ އެހެން ކުންފުންޏަކާ ހަވާލުކުރަންޖެހުނު ސަބަބު ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތް މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާ ހަވާލުކުރިއިރު، އެއީ ފައިނޭންސް އަދި ކޮންސްޓްރަކްޝަންވެސް ހިމެނޭގޮތަށް ހަވާލުކުރި މަސައްކަތެއް ކަމަށެވެ. ނަމަވެސް، ސާވޭ ނިންމާ، އެ ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާތީ، މިހާރުގެ ނިންމުމަކީ ބިޑްކުރުމާ ހަމައަށް ގެންދެވޭވަރަށް މުހިންމު މަސައްކަތްތައް ވަކިން ކުރުމަށް ކޮންސަލްޓަންޓަކާ ހަވާލުކުރުން ކަމަށެވެ. މި ކުންފުންޏަކީ މާލީ ވުޒާރާގެ އުސޫލުތަކާ އެއްގޮތަށް، ކަމަށް އެންމެ ޤާބިލު ކުންފުނި ކަނޑައަޅައިގެން ހަމަޖެއްސި ކުންފުންޏެކެވެ.



