މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ޙައްޔަރުކުރި 7 މީހެއްގެ މައްޗަށް 10 ދަޢުވާ ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަފައިވާކަމަށެވެ.
އަދި މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއްކަމަށާއި، ހެކިންނަށް ތިބީ ފުލުހުންކަމަށްވާއިރު، މިމައްސަލާގައި ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅައިފިން. މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް. ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރަން.
— Hussain Shameem (@HuShameem) December 11, 2020
ނަމަވެސް މިމީހުންނަކީ ކޮބައި ކަމެއް އަދި މިމީހުންގެ މައްޗަށް ކޮށްފައިވަނީ ކޮން ދަޢުވާތަކެއް ކަމެއްވެސް ޝަމީމު ވިދާޅެއް ނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން އައްޑޫގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މިމައްސަލާގައި ޙައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ އައްޑޫ މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) ކަމަށެވެ. އަދި އޭނާއަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރެވިފައިވާ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެމައްސަލަ ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
https://feshun.wonstasite.com/93964




