ބޮންޑޭ

ފަތުރުވެރިން އިތުރުވާއިރު ވަސީލަތްތައް އިތުރު ކުރަންޖެހޭ: ބޮންޑޭ

ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވަމުން ދާއިރު ވަސީލަތްތައްވެސް އިތުރު ކުރަންޖެހޭ ކަމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް އެއަރޕޯޓު ތެރޭގައި ކިޔު ޖެހިފައިވާ މަންޒަރު ފެންނަ ވީޑިއެއް ހިއްސާކުރައްވާ ބޮންޑޭ ވިދާޅުވީ ފަތުރުވެރިން ހާހުން ހާހުން އިތުރުވަމުން ދާއިރު މިހާލަތުގައި ވަސީލަތްތައް އިތުރު ކުރާންޖެހޭކަމަށާއި ހަތަރު ފަސް ގަޑިއިރު ކިއުގައި ކޮޅަށް ތިބެ އިރު އޮއްސުމުގެ ކުރީން ދާންވާ ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވާން ނުޖެހޭނެ ހަލުވި އަވަސް އުސޫލަކަށް އިންތިޒާމްވާންޖެހޭކަމަށެވެ.

ބޮންޑޭ މިހެން ވިދާޅުވެފައި ވާއިރު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޮވިޑްއަށްފަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 3،864 އަށް އަރާފައެވެ.

މިއަހަރުގެ މިހާތަނަށް ޖުމްލަ 486،404 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ. އަދި ލޮކްޑައުންއަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން 103،557 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައި ވެއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވާ ދާއިރާއެވެ. ކޮވިޑްއާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމުން ރާއްޖޭގެ އިޤްތިޞާދަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައެވެ.

ނަމަވެސް ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ކޮންމެވެސް ވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރަން ފެށިއެވެ. މިއަދަދު މަޑުމަޑުން ދުވަހެއް ދުވަހަކަށް އިތުރުވަމުންގޮސް މިހާހިސާބަށް އައި އިރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރު 525،000 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާނެކަމަށް އަންދާޒާކޮށްފައެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކުރާނެކަމަށްވެސް އެމިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ