އަޒަރުބައިޖާން އަދި އަރްމޭނިއާއިން އެތަނެއްގެ މިލްކުވެރިކަމާމެދު ދައުވާކުރާ ނަގޯރްނޯ ކަރަބާޚް ރީޖަންގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެގައުމުން މިދިއަމަހު ވެފައިވާ އެއްބަސްވުމާއި ހިލާފުވެއްޖެއެވެ.
އަޒަރުބައިޖާންގެ ޑިފެންސް މިނިސްޓްރީއިން ބުނީ ނަގޯރްނޯ ކަރަބާޚް ރީޖަންއާ އިންވެގެން އޮންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެގައުމުގެ ސިފައިންގެ ޔުނިޓަކަށް ދިން ހަމަލާއެއްގައި ހަތަރު ސިފައިންގެ މީހުން މަރުވެފައިވާ ކަމަށެވެ. އަދި އަރްމޭނިއާއިން ބުނެފައިވަނީ އެގައުމުގެ ހަ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށެވެ.
ނަގޯރްނޯ ކަރަބާޚް ރީޖަންގެ މައްސަލައިގައި އަޒަރުބައިޖާން އަދި އަރްމޭނިއާއިން މިފަހުން ހަނގުރާމަކުރަން ފަށައިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ހުން ފެށިގެންނެވެ. ހަ ހަފްތާގެ މުއްދަތައް ކުރި މި ހަނގުރާމަ ހުއްޓާލައިފައިވަނީ ރަޝިއާ އިސްވެ އޮވެ އެކުލަވާލި ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އަޒަރުބައިޖާން އަދި އަރްމޭނިއާއިން ދެގައުމު ދެގައުމަށް މިދިޔަ ހޮނިހިރު ދުވަހު ތުހުމަތު ކޮށްފައިވަނީ ހަމަލާ ބަދަލުކުރުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށެވެ.
ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހައްދެކެވެ. ނަމަވެސް އެސަރަހައްދުގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައަކީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނެވެ. ނަގޯރްނޯ ކަރަބާޚް އަޒަރުބައިޖާންގެ ސަރަހައްދެއްގެ ގޮތުގައި ހަދާފައިވަނީ ސޯވިއެޓް ޔޫނިއަން އިން އެސަރަހައްދު ބައިކޮށް ސަރަހައްދީ ރޮނގު ކުރެހުމުގެ ތެރޭގައެވެ.




