ލަންކާގެ މުސްލިމުންނަށް އެހީވާން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް: ޑރ. އިޔާޒް

އަވައްޓެރި ސްރިލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުނަށް އެހީވާން ސަރުކާރުން ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ވިދާޅުވީ، ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުނާއިމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވުންދާ ކަމަށާއި، އެހެންކަމުން އެބައި މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮއްދެއްވާ، އެއިހާނެތިކަމުން މުސްލިމުން ސަލާމަތް ކުރެއްވުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށެވެ.

ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ކޮވިޑްގައި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ސަރުކާރުން އެ ޤައުމަށް އަންގާފައިވާކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ