ޖިއްދާގައި ބަނދަރުކޮށްފައި އޮތް ތެޔޮޓޭންކަރަކަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބަނދަރުކޮށްފައި އޮތް ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފިއެވެ.

ތެޔޮ ޓޭންކަރުގެ ވެރިޔާއާއި ހަވާލާދީ ބީބީސީ އިން ރިޕޯޓުކޮށްފައިވަނީ، ތެޔޮ ޓޭންކަރުގެ ބޭރުން ގޮއްވާލި ގޮއްވާލުމުގެ ސަބަބުން ތެޔޮ ޓޭންކަރުގައި އަލިފާން ރޯވިކަމަށެވެ.

ތެޔޮ ޓޭންކަރުގައި އަލިފާން ރޯވިނަމަވެސް ބޯޓުގެ ފަޅުވެރިންގެ މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލައިފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ތެޔޮ ޓޭންކަރަށް ލިބުނު ގެއްލުމުގެ ސަބަބުން ކޮންމެސް މިންވަރަކަށް ކަނޑަށް ތެޔޮ ބޭރުވެފައިވެއެވެ.

ޖިއްދާގައި ބަނދަރުކޮށްފައި އޮތް ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި މިވަނީ މީގެ ދެހަފްތާ ކުރިން ސައުދީ އަރަބިއްޔާގެ ރެޑް ސީ ބަނދަރެއްގައި އޮތް އެހެން ތެޔޮ ބޯޓަކަށްވެސް މިފަދަ ހަމަލާއެއް ދީފައި ވަނިކޮށެވެ.

ސައުދީ އަރަބިއްޔާއިން އިސްވެ އޮވެ ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީންނާއި ދެކޮޅަށް ފަށައިފައިވާ ހަނގުރާމައާއި ގުޅިގެން ދޭތެރެދޭތެރެއިން ހޫތީން އަންނަނީ ސައުދީ އަރަބިއްޔާއަށް ހަމަލާތައް ދެމުންނެވެ. ނަމަވެސް މި ހަމަލާތަކުގައި އަދި މިހާތަނަށް މާބޮޑު ގެއްލުންތަކެއް ދެވިފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ