ނަމާދު ވަގުތުތަކުގައިވެސް ސައުދީގައި މިހާރު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ

ނަމާދު ވަގުތު ތަކުގައި ފިހާރަތައް ސައުދީ އަރަބިއްޔާގައި ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ފެޑެރޭޝަން އޮފް ސައުދީ ޗެމްބާރސް އިން ނެރުނު ސާރކިއުލާއަކުން ދީފިއެވެ.

ފެޑެރޭޝަނުން ބުނީ މި ބަދަލު ގެނެވިފައިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

ފެޑެރޭޝަނުން ގަބޫލުކުރާ ގޮތުގައި ނަމާދު ވަގުތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ސަބަބުން ބަންދު ވަގުތުގައި ފިހާރަތައްދަށުގައި ޖަމާވެފައި ތިބޭ މީހުންގެ އަދަދު މަދުވެގެން ދާނެއެވެ. މިބަދަލުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ފެޑެރޭޝަނުން ނެރުނު ސާރކިއުލާގައި ބުނެފައި ވެއެވެ.

މި ބަދަލަކީ ކަމާބެހޭ އެންމެހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ގެނެވުނު ބަދަލެއް ކަމަށް ފެޑެރޭޝަނުން މައުލޫމާތު ދެއެވެ. މީގެއިތުރުން، ނަމާދު ވަގުތު ފިހާރަތައް ހުޅުވައިފައި ބެހެއްޓިނަމަވެސް ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަމާދު ވަގުތު ދިއުމުގެ ކުރިން ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސާރކިއުލާގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ