ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
އެގޮތުން ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ވިދާޅުވެފައިވަނީ 1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދިނުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށެވެ.
މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުންނެވެ.
މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން ނެރުނު އިއުލާންގައި ވިދާޅުވެފައިވެއެވެ.



