ދެ ތެޔޮ އުޅަނދުގައި ރޯވެ އަނދަނީ

ތިލަފުށި ފަޅުތެރެގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ތެޔޮ ދޯންޏެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގައިގެން އުޅެނީ ތިލަފުށީގައި ހުންނަ ވިލާ ސައިޓްގައި ކަމަށާއި، އެކަމުގެ ރިޕޯޓް އެ ސާރވިސްއަށް ލިބުނީ މިއަދު ހަވީރު 16:39 ހާއިރު ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި އެކަކު ފިހިގެން މިހާރު ދަނީ އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހާދިސާގައި ފިހުނީ ދިވެއްސެކެވެ.

އަލިފާނުގެ ހާދިސާ ހިނގީ ތިލަފުށީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައެވެ. ދޯނީގެ ވާ ކަނޑާލުމާއި ގުޅިގެން ދޯނި ދަނީ މިހާރު ފަޅުން ބޭރުވެ އޮޔާ ދަމުން ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފްގެ ފަޔަރ ލޯންޗް މިހާރު ދަނީ ކަނޑުމަތިން ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ފަޔަރ ލޯންޗުން ވަނީ ހަވީރު 17:37 ގައި ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ