ފ. ފީއަލީ ސްކޫލުގެ ޓީޗަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ފީއަލިން ހައްޔަރުކޮށްފައިވަނީ، ފީއަލީ ސްކޫލުގައި ގުރޭޑް ތިނެއް އަދި ފަހަކަށް ކިޔަވައިދޭ ދިވެހި ޓީޗަރެކެވެ.
ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް މިނޫހަށް މައުލޫމާތު ދެމުން ބުނީ، މިފަދަ ކަމެއް އިއްޔެ ހެނދުނު އެރަށުގައި ހިނގައިފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފީއަލީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މި ޓީޗަރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، ހެނދުނު އަތޮޅު ފެރީ ފުރާތަނަށް ގޮސްހުއްޓާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި މަސްތުވާތަކެތި ފެރީއިން ފުރުވާލަން އުޅުނީ ކަމަށްވެސް އެރަށުން ވާހަކަދެއްކި މީހާ މައުލޫމާތު ދިނެވެ.
ފުލުހުން ދެންމެ ބުނީ، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށެވެ. އަދި މިމީހާއަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.



