މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) ވެރިކަމަށް އިސްވާ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އަންނަ ސަބަބާއި ދޭތެރޭ ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން، "ވިސްނާ" ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާނު ވިދާޅުވީ، އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު އިގްތިސާދު ހުއްޓި، ޑޮލަރުގެ އަގު މަތިވެ ރައްޔިތުންގެ އަތްމަތި ދަތިވަނީ ކީއްވެ ކަމާއިމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހިދުމަތް ކުރަން ކަން ފާހަގަކުރައްވަމުން ޣައްސާނު ވިދާޅުވީ، ހަމައެކަނި ފޮނި ވާހަކަތައް ދައްކައިގެން ރައްޔިތުން ހައްލައިގެން އިންތިހާބުތައް ކާމިޔާބު ކުރަމުންދާ ބަޔަކު ވެސް މިގައުމުގައި އެބަތިބި ކަމަށެވެ.
ފާޅުގައި އެމްޑީޕީއަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ޣައްސާނު ވިދާޅުވީ، ހިތްދަމައިގަންނަ ގޮތްގޮތަށް ޝިއާރުތައް ހަދައިގެން ކެންޕޭން ކުރާ ކޮންމެ ބަޔަކީ ރައްޔިތުންނަށް އިހުލާސްތެރި ބަޔަކަށް ނުވާނެ ކަމަށެވެ. އަދި، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ ރައްޔިތުން ގާތު ފޮނި ވާހަކަ ކިޔައި، ރައްޔިތުން ހައްލައިގެން ކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ.
ސިނަ މާލެ ބްރިޖާއި ހުޅުލެ-ހުޅުމާލެ ގުޅުވާލި ހައިވޭގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަދި ހިޔާ މަޝްރޫއުއަށް ބަލައިލިނަމަވެސް، ޕީޕީއެމުން ވެރިކަމަށް އައުމަށްވެފައިވާ ވައުދުތައް 5 އަހަރުތެެރޭ ފުއްދާފައިވާކަން ސާފުކޮށް ފެނިގެންދާ ކަމަށްވެސް ޣައްސާނު ފާހަގަކުރެއްވިއެވެ.





ހިޔާލު
އެހެން ވެދާނެ ގުރާދޫ ވީމާ މޮޔައިން ހީވާނީ ވެސް މޮޔައިން