ކޮވިޑަކީ ސުނާމީ އަށް ފަހު ދިމާވި އެންމެ ބޮޑު ކާރިޘާ: ރައީސް ޞާލިހް

ކޮވިޑް-19 އަކީ ސުނާމީ ކާރިޘާއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެ ފަދަ އެންމެ ބޮޑު ކާރިޘާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ކޮވިޑަކީ ސުނާމީ ކާރިޘާއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެ ފަދަ އެންމެ ބޮޑު ކާރިޘާ ކަމަށާއި، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަ ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވީ މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާއި ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމާއެކު، ފަތުރުވެރިކަމަށް ކުރިއެރުން ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ އެއް މަންޒިލަކަށް ރާއްޖެ ބަދަލުވަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި ވެސް ޢަޒުމް ކަނޑައަޅައި އިސްކުރަންވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ދިވެހިން ސާބިތުކޮށްދިން ފަދަ އެކުވެރިކަމާއި، އެއްބައެއްވަންތަކަމުގެ ރޫޙެއް ކަމަށެވެ.

ސުނާމީ ކާރިޘާގެ އެ ނާޒުކު ވަގުތު ހުރިހާ ފަރުދުން ވެސް ޤައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ، އިސްކަންދިނީ، އެކަކު އަނެކަކަށް އެހީތެރިވުމަށް ކަން ފާހަގަކުރައްވާ ރައީސް ޞާލިހް ވިދާޅުވީ، ސުނާމީގެ ހަނދާންތައް އައުކުރާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެކަން ވެސް ހަނދާން ބަހައްޓަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ