ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ސްކޭން އެޕޮއިންޓްމަންޓް ދޫކުރާ އަދަދު އިތުރުކޮށްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑުމީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ އަތޮޅުކަމަށާއި ހއ، ހދ، ށ އަތޮޅު ހިމެނޭގޮތަށް މިސަރަހައްދުގައި މާބަނޑުމީހުންގެ ނިސްބަތް ބޮޑުކަމަށެވެ.
އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40 އަށް މަތިވެގެން ދާނެކަމުގައި އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
ކޭއާރުއެޗްގެ މެނޭޖަރު އަޙްމަދު ދާއޫދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި ދެ ރޭޖިއޮލޮޖިސްޓުންގެ ތެރެއިން އެކަކު ވަނީ ނޮވެންބަރު މަހު ކުރީކޮޅު ރިޒައިންވެފައި ކަމަށާއި، އަދި އަނެއް ޑޮކްޓަރު ޑިސެންބަރު 22 ގައި ރިޒައިން ވެފައިވާކަމަށެވެ.
އެހެން ކަމުން އެ ހޮސްޕިޓަލުން ދެމުން އައި ސްކޭން ޚިދުމަތް ވަރަށް ބޮޑަށް ދަށަށް ގޮސް އާންމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އައި ކަމުގައި ދާއޫދު ވިދާޅުވިއެވެ.
ރާއްޖޭގެ އެއް އަތޮޅެއްގައި އެންމެ ގިނަ މާބަނޑުމީހުން ތިބޭ އަދި ވިހާ އަތޮޅަކީ ހދ އަތޮޅު. ހއ،ހދ،ށ އަތޮޅު ހިމެނޭގޮތަށް މިސަރަހައްދުގައި މާބަނޑުމީހުންގެ ނިސްބަތް ބޮޑު. އަލަށް ގުޅުނު ރޭޖިއޮލޮޖިސްޓުންނާއެކު ދުވާލަކު ސްކޭން އެޕޮއިންޓްމަންޓް ދޫކުރެވޭ އަދަދު 15 އިން 40އަށް މަތިވެގެން ދާނެ pic.twitter.com/ukphvrANVM
— Kulhudhuffushi Regional Hospital (@KRHmv) December 27, 2020
ދާއޫދު ވިދާޅުވީ އެހޮސްޕިޓަލަން އާންމު ގޮތެއްގައި ހއ. ހދ. އަދި ށ އަތޮޅުން މީހުން ޞިއްޙީ ފަރުވާ ހޯދުމަށް ޤަވާއިދުން އަންނަ ކަމަށާއި އަދި ޅ. އަތޮޅާއި، ބ. އަތޮޅާއި، ކ. އަތޮޅުގެ އިތުރުން އއ އަދި އދ އަތޮޅުންވެސް މީހުން ޞިއްޙީ ފަރުވާއަށް އެ ހޮސްޕިޓަލަށް ޒިޔާރާތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މިފަދަ ޚިދުމަތަކަށް ދުވަހަލު 15 އެޕޮއިންޓްމަންޓް ދޫކުރުމަކީ އެ ހޮސްޕިޓަލުން ފަރުވާ ހޯދަން އަންނަ މީހުންނާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެއްކަމުގައި ދާއޫދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ ހޮސްޕިޓަލާއި އަލަށް ގުޅުނު ދެ ރޭޖިއޮލޮޖިސްޓުންނާއެކު މިހާރު ވަނީ ޑިސެންބަރު މެދެއްހާ ހިސާބުން ފެށިގެން ދުވާލަކު ދޫކުރާ އެޕޮއިންޓްމަންޓްގެ އަދަދު 40 އަށް އިތުރު ކޮށްފައެވެ.
ދާއޫދު ވިދާޅުވީ ކޮވިޑްއާއި ގުޅިގެން ޑޮކްޓަރުން ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ނަމަވެސް މިހާރު ވަނީ އެކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިފައިކަމަށެވެ. މިހާރު އެހޮސްޕިޓަލުގައި މަދުވަނީ ނިއުރޮލޮޖިސްޓްއަކާއި ކާޑިއޮލޮޖިސްޓްއެއް ކަމުގައި ދާއޫދު ވިދާޅުވިއެވެ.
ކާޑިއޮލޮޖިސްޓްގެ ޚިދުމްތަ އެ ހޮސްޕިޓަލުން އަންނަނީ އައިޖީއެމްއެޗްއާއި ގުޅިގެން ކޮންމެ މަހަކު ޚާއްސަ ޓީމްތައް ކުޅުދުއްފުށި ހޮސްޕިޓަލަށް ޒިޔާރާތްކޮށް އެ ޚިދުމަތް ދޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން އަންނަ ޖެނުއަރީ 3 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޓީމް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރާތްކޮށް 3 ދުވަހު އެ ހޮސްޕިޓަލުގައި ޚިދުމަތް ދޭނެ ކަމުގައި ދާއޫދު ވިދާޅުވިއެވެ.
ދާއޫދު ވިދާޅުވީ މިހާރުވެސް ކާޑިއޮލޮޖިސްޓްއަށް ދެއްކުމަށް 170 އަށް ވުރެ ގިނަ މީހުން ވަނީ ނަންނޯޓް ކޮށްފައިކަމަށެވެ.




